ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިމާރާތުގެ ފީޒިބިލިޓީ ދިރާސާ ހެދުމަށް ކުރަންޖެހޭ ތައްޔާރީތައް މިއަދު ވަނީ ފަށާފައެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޓީމާއި ޗައިނާގެ ޓެކްނިކަލް ޓީމާ ދެމެދު މިއަދު ބޭއްވުނު ބައްދަލުވުމުގައި މި މަޝްރޫޢުއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މި ބައްދަލުވުމުގައި ފީޒިބިލިޓީ ދިރާސާ ހެދުމަށް ދާނެ ރަށްތައް ކަނޑައަޅައި، ދަތުރުތަކުގެ ޕްލޭން އެކުލަވާލާފައިވާ ކަމަށް ސިޓީސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މުވައްޒަފުންނަށް މަސައްކަތަށް ފަހި މާޙައުލެއް ޤާއިމްކޮށްދިނުމެވެ.
އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތްތަކަކަށް ވެގެންދާނެ ކަމަށް ސިޓީސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫޢު ފެށުމާއެކު ގިނަ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެ ކަމަށް ބެލެވެއެވެ.

