ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތައް މުރާޖަޢާކޮށް، ތެލެސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލު ކަނޑައެޅުމަށްޓަކައި ތެލެސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައުމަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިސްލާހުގެ ދަށުން ތެލެސީމިއާ އެންޑް ހީމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ޤާނޫނުގައި ބަޔާންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާހުގައިވާ ގޮތުން، ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއް ކަމަށް ކަނޑައަޅައި، އެ މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި، ސިއްހީ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެއިތުރުން، މި އިސްލާހުގެ އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ އައު މާއްދާއެކެވެ. މި މާއްދާގެ ދަށުން، ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ތެލެސީމިއާ ޓެސްޓް ހެދުމަށްފަހު، އޭގެ ނަތީޖާއާއެކު ކައިވެނީގެ ހުއްދައަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނެއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މި އިސްލާހަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އަލަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި އާންމުކުރަންޖެހޭނެއެވެ. މި އިސްލާހުގެ ސަބަބުން ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

