ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމަށް ސަރުކާރުން އުފައްދާ ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު މިއަދު އާންމުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރު ގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ.
ފަސް އަހަރުގެ މުއްދަތަށް އުފައްދާ މި ފަންޑުން ޚަރަދުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް ސިނާއަތް ތަރައްޤީކުރުމުގެ ހަރަކާތްތަކާއި، ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓްކުރުމާއި، ދާއިރާގެ މީހުންގެ ގާބިލްކަން އިތުރުކުރުމަށް ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން އާންމު އިޖުތިމާއީ ފައިދާ ލިބޭ ހަރަކާތްތައްވެސް ހިންގޭނެއެވެ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ ހަތަރު މައިގަނޑު ބައެއްގެ މައްޗަށެވެ. އެއީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ދޭ ފައިސާ، ފަންޑުގެ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ އަދި ތަމްރީނުތަކަށް ދޭ ފައިސާއެވެ.
ޓޫރިޒަމް މިނިސްޓްރީން ހިންގާ މި ފަންޑު ހިންގަމުން ގެންދާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކުގެ މަތިންނެވެ.

