އެކިއެކި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހުޅުމާލެއިން އިތުރު ސަރަހައްދުތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މިގޮތުން އެކިއެކި ހަފްލާތަކާއި ހަރަކާތްތަކަށް ބޭނުންކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ކުއްޔަށް ދޫކުރާނެ އުސޫލު އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.
އެޗްޑީސީން މިހާރު ވަނީ ހުޅުމާލޭގެ 10 ސަރަހައްދެއް ހަފްލާތަކާއި އިވެންޓުތަކަށް ދޫކުރުމަށް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ފޭސް 2 ގެ ބީޗް ބާބަކިއު ސަރަހައްދު، ފެރީ ޓާމިނަލް ޕާކު އޭ އަދި ބީ، ސެންޓްރަލް ޕާކު، ރުއްގަނޑު 1، 2 އަދި 3، ހިޔާ ޕާކު ޕްލާޒާ، އިންޓަރެކްޓިވް ޒޯން ސްޓޭޖް ސަރަހައްދު، 1-3D ހުސްބިން އަދި ކޮމާޝަން ބްލޮކް އޭ އަދި ޑީ ހިމެނެއެވެ.
މި ސަރަހައްދުތަކުގައި ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ “މައި ހުޅުމާލެ” ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭނެއެވެ. ކޮންމެ ހުއްދައަކަށް 150 ރުފިޔާގެ އިދާރީ ފީއެއް ނެގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި އުސޫލަކީ އާންމު ފަރުދުންނާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކަށް ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ އުސޫލެކެވެ. އަދި މި އުސޫލާ ޚިލާފުވާ ފަރާތްތައް 500 ރުފިޔާއިން ފެށިގެން އެކަށީގެންވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެޗްޑީސީން އެކުލަވާލި އުސޫލުގައި ހަރަކާތްތައް ބޭއްވުމަށް ހުއްދަދެވޭ ސަރަހައްދުތަކުގައި ކުރުން މަނާ ކަންތައްތަކާއި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

