ލ. މާވަށުގައި ހިންގި މާރާމާރީގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު މަޢުލޫމާތު ދެމުން ބުނެފައިވަނީ މޫސާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އޮގަސްޓު 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ކޯޓުން ވަނީ މުޙައްމަދު އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މާރާމާރީގައި ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މައްސަލައިގައި އިތުރު ހެކި ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ފަރާތްތަކެއްގެ ބައިވެރިވުން އޮތްތޯ ވެސް ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

