އދ. އަތޮޅުގެ ފަރަކަށް އުރުނު "އެމްވައި ބިގް ފިޝް" ނަމަކަށް ކިޔާ ޔޮޓު، 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީގެ މި ޔޮޓު، އދ. އަތޮޅުގެ RF1329 ފަރަށް އަރާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ފަރުމަތިން ނަގާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.
އީޕީއޭގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުން، ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ޖޫން މަހުގެ 4 ވަނަ ދުވަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވޭޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކުރެވުނެވެ. މި ސާވޭއިން ދައްކާގޮތުގައި އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން، އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ޓެމްޕަލް މެރިން އެލްޓީޑީ 4,889,450 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
އީޕީއޭ އިން އަންގާފައިވާ ގޮތުގައި މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

