އައްޑޫ ސިޓީ ހިތަދޫގައި ދާރުލްއާސާރައެއް ގާއިމުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ދާރުލްއާސާރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ކުރީގެ "ފިޓް އެރޯ" ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި ހުންނަ، ކުރީގެ މާލިއްޔާ ހިންގި އިމާރާތުގައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލައިފައެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ވުމަށް ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި، ފޯނު ނަންބަރު އަދި މެއިލް އެޑްރެސް tender@adducity.gov.mv އަށް ފޮނުވަން ޖެހޭނެއެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލޭގެ ގައުމީ ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ގާއިމުކުރުމަށްފަހު 2023 ވަނަ އަހަރު އަލުން ހުޅުވާލުމާ ގުޅިގެންނެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ.
އައްޑޫ ސިޓީގައި ދާރުލްއާސާރެއް ގާއިމުކުރުމުން، އެ ސަރަހައްދުގެ ތާރީޚީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

