ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލް (ނުރައްކާތެރިކޮށް މަގުތަކުގައި އުޅަނދުތައް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބިލް) އަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްސަދަކީ މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އަދި ފަރުވާލެއްނެތި އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން ފޮނުވުމަށް އެދިފައިވެއެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާގައި ފަރުވާލެއްނެތި ކުރާ ޢަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ ޢަމަލުތައް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމާ ގުޅޭ ޚާއްޞަ މާއްދާއެއް ނެތުމުން، މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅެން ނެތްކަން ފާހަގަކުރެވެއެވެ.
މި ބިލު ފާސްވެއްޖެނަމަ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާ ޚިލާފަށް އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

