ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ނެރުމައްޗަށް ބަންޑުން ޖަހާލައި، އެ ދޯނީގައި ދަތުރުކުރި 66 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:55 ހާއިރުކަމަށެވެ. ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ ޖުމްލަ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، މަރުވި ފަރާތަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު ވަނީ މަރުވެފައެވެ.
ހާދިސާގައި ހިމެނުނު އެހެން ތިން ފަރާތްވެސް ވަނީ ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ބަލަމުންނެވެ.

