ބާޒާރުގައި ފިޔާ ލިބުން ދަތިވެ އަގު މައްޗަށް ދިއުމާ ގުޅިގެން، އެކަން ހައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
މޫސުމީ ކަންކަމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދިމާވި ދަތިތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވާތީ، އެސްޓީއޯއިން ގެނައި ފިޔާ ޝިޕްމަންޓް އެ ކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.
އެސްޓީއޯ އިން ފިޔާ ވިއްކަމުން ދަނީ ކިލޯއަކަށް 15 ރުފިޔާގެ އަގުގައެވެ. މީގެ ކުރިން ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ކިލޯއެއްގެ އަގު 40 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، ފަހުން އެ އަގު ވަނީ 20 ރުފިޔާއަށް ދަށްވެފައެވެ.
އާންމު ގޮތެއްގައި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު، އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ހާލަތްތަކުގައި އެސްޓީއޯއިން އެފަދަ ތަކެތި ގެނެސް އަގުހެޔޮކޮށް ވިއްކައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
އެސްޓީއޯއިން މިފަހަރު ގެނެސްފައިވާ ފިޔާ ޝިޕްމަންޓް ޕީޕަލްސް ޗޮއިސްގެ އިތުރުން ހޯލްސޭލް ސެންޓަރުން ވެސް ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

