ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ޕޭވްމަންޓްގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. އަދި މަޝްރޫއުގެ އެހެނިހެން މަސައްކަތްތައްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި 67.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ 26,453 ކިއުބިކް މީޓަރުގެ ފަޅު އަލުން ފުންކުރުމާއި، 40,111 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 5,445 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 86 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި، 370 މީޓަރުގެ އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 105 މީޓަރު ދިގު، ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި، 20 މީޓަރު ދިގު، ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.
މަޝްރޫއުގެ ތެރޭގައި ބަނދަރު ބައްތި ހަރުކުރުމާއި، 1,795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

