އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް، މަހަކު 1500 ރުފިޔާގެ އެލަވަންސްއެއް ދޭގޮތަށް ހިންގާ ކޯހަކަށް ވިލާ ކޮލެޖުން ވަނީ އިޢުލާނު ކޮށްފައެވެ.
މި ކޯހަކީ ތަޢުލީމީ ވުޒާރާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގެ ކިޔެވުން ފެށުމަށް ވަނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ދެ މަރުކަޒުން ނިންމާފައެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިއްޔެ ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި، އައިޔޫއެމް އަދި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އައިޔޫއެމްގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ޒާހިރު އާއި، ވިލާ ކޮލެޖުގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވަނީ ސޮއިކުރައްވާފައެވެ.
މި ކޯހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޯހުގައި ބައިވެރިވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނެގުމެވެ. އަދި މީގެ އިތުރުން ކޯހުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް މަހަކު 1500 ރުފިޔާގެ އެލަވަންސްއެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްސަ މުދައްރިސުން ތަމްރީނުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

