ދިވެހިރާއްޖޭގެ ބްލޫ އިކޮނޮމީއަށް ހިތްވަރުދިނުމުގެ ގޮތުން “ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ (ޖޭއެފްއެފް)” މިއަދު ވަނީ ރާއްޖޭގައި ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި ފެސިލިޓީ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ތަޢާރަފުކޮށްފައެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހާމަކުރި ގޮތުގައި، މި ފެސިލިޓީއަކީ އެ އިދާރާ އާއި އދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީސް) ފައިސާ ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީ އަމާޒުކުރެވިފައިވަނީ މަސްވެރިކަން، ފަތުރުވެރިކަން އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ތެރެއިން “ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް” ވިޔަފާރިތަކަށެވެ. މި ފެސިލިޓީގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރެވިގެންދާނެއެވެ.
ސީއެމްޑީއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ ދަށުން ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ޚިދުމަތްދޭ ފަރާތްތަކުން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި “އެފަދަ ކުންފުނިތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދީގެން ހެޔޮ އަގުތަކުގައި ވިޔަފާރިތަކަށް ފައިސާ ލިބޭނެ އިންތިޒާމު މި ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ” ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެއަށް ޖޭއެފްއެފް ތަޢާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސީއެމްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ބޭންކިންގ އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް “ބްލޫ އެންޑް އިންކްލޫސިވް” އިޤްތިޞާދަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ލަފާކުރެއެވެ.

