ވިޔަފާރީގެ ދާއިރާއަށް ނިކުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ސްޓާޓަޕް ގްރާންޓްގެ ދަށުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ. މިއީ މިދިޔަ އަހަރުތަކާ އަޅާބަލާއިރު އިތުރު އެއް ފަރާތަކަށް ދެވޭ ފުރުސަތެކެވެ. ގްރާންޓް ލިބޭ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، “ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް” ކަމަށެވެ. އަދި މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2022 ވަނަ އަހަރު ތައާރަފްކުރެވުނު މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވެއެވެ. ގްރާންޓަށް އެދި ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހެވެ.
ފާއިތުވި ތިން އަހަރު ވެސް މި ގްރާންޓްގެ ދަށުން ކޮންމެ އަހަރަކު 2 ފަރާތަކަށް ވިޔަފާރި ފެށުމަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރު އިތުރު އެއް ފަރާތަކަށް މި ފުރުސަތު ހުޅުވާލުމަކީ ބޭންކުން ސްޓާޓަޕް ވިޔަފާރިތަކަށް ދޭ އަހައްމިއްޔަތުކަން އިތުރުވެގެންދާކަމުގެ ހެއްކެކެވެ.

