ގެދޮރުވެރިޔާ ސްކީމަށް އަލުން ފޯމުލުމަށް ހުޅުވާލާފައިވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ގޮތުގައި، ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތަށް ހުޅުވާލައިފި ކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ މެސެޖެއް ދައުރުވަމުންދާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން އިއުލާންކުރި “ގެދޮރުވެރިޔާ” ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. ފުލުހުން ބުނިގޮތުގައި މި މައުލޫމާތުތަކާއި ލިންކްތައް މެދުވެރިކޮށް ފައިސާ ހޯދާ މައްސަލަތައްވެސް އިތުރުވަމުންދާ ކަމަށާއި، މިފަދަ ސްކޭމްތަކުގައި ޖެހި އެތައް ބައެއްގެ އަތުން މިހާރުވެސް ފައިސާތަކެއް ވަނީ ފޭރިގެންގޮސްފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ސްކޭމްގެ 1،133 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފައެވެ. އެންމެ ގިނައިން މައްސަލަ ރިޕޯޓްކޮށްފައިވަނީ މެއި މަހުގައި ކަމަށާއި، އެއީ 219 މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ސްކޭމްގެ މައްސަލަތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނި ޖުމްލަ 651 މައްސަލަ ވަނީ ރިޕޯޓްކުރެވިފައެވެ. ފުލުހުން ރައްޔިތުންނަށް އިލްތިމާސްކުރަނީ މިފަދަ ދޮގު މައުލޫމާތުތަކަށް ނުހެއްލުމަށާއި، ރަސްމީ ނޫން ގޮތްގޮތުން އަންނަ މެސެޖުތަކަށް އިތުބާރުނުކުރުމަށެވެ،

