ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް 242 ވޭޕް ފްލޭވާ ފުޅި ފެނިގެން ފުލުހުން އެތަކެތި އަތުލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގެވެށި އަނިޔާގެ މައްސަލަ ފޭސް ދޭއްގައި ހުންނަ ފުލުހުންގެ ޔުނިޓަށް ހުށަހަޅާފައިވަނީ ރޭ 21:14 ހާއިރުކަމަށެވެ.
މި މައްސަލާގައި ފުލުހުންގޮސް އެޕާޓްމަންޓް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 400 މިލިއަަނަށް ވުރެއް މައްޗަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ބުނެފައެވެ.
އެ ޖޫރިމަނާތަކުގެ އަދަދު 400،460،000 ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކުގެ ޖޫރިމަނާ 72.1 މިލިއަނަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ފުލުހުން ބުނީ ހޯދައިގަނެވުނު ވޭޕް ފްލެވާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

