އަޞްޙާބު ބޭކަލުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ލޮބުވެތި އާލުބައިތުންނަށް އިޙުތިރާމުކޮށް، އެބޭކަލުން ދެކެ ލޯބިވުމުގެ މުހިންމުކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އަޞްޙާބު ބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލެކެވެ.
މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އަހަރެމެން ކީރިތި ރަސޫލާއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީންނެވެ. އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާއަށް ފަހު އެ ބޭކަލުންނަށެވެ. ޚުޠުބާގައި އިތުރަށް ވިދާޅުވީ، ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހިރާއްޖޭގެ ޢިލްމުވެރީން މަތިވެރިވެގެންވާ އާލުބައިތުންނާއި މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައި ނުވާ ކަމަށެވެ. އަދި އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކު ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ވަނީ އަޞްޙާބު ބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި، އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުން ކަމަށް ހަނދާންކޮށްދެއްވާފައެވެ. އެ ބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭނެ ކަމަށާއި، އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވުން ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ، މި އުންމަތުގެ ނަބިއްޔާ މުޙައްމަދުގެފާނަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހާ ކަމަށާއި، އެކަލޭގެފާނަށް ފަހު ޢުމަރުގެފާނު ކަމަށާއި، އަދި އެކަލޭގެފާނަށް ފަހު ޢުޘްމާންގެފާނު ކަމަށާއި، އެއަށްފަހު ޢަލީގެފާނު ކަމަށެވެ. އަދި މި ކަމަށް އުންމަތް ވަނީ އިއްތިފާޤުވެފައި ކަމަށާއި، ދިވެހިރާއްޖޭގެ ޚުޠުބާތަކުގައި ކޮންމެ ފަހަރަކު މި މަތިވެރި ހަތަރު ބޭކަލުންނަށް ހެޔޮ ދުޢާ ކުރާ ކަމުގައި ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
“ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ މިއީ. މިއާ ޚިލާފުވަނީ ބާޠިލު ފިކުރުތަކުގެ އަހުލުވެރީން. އެހެންކަމުން މި މަތިވެރި ޢަޤީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭ. އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފަހައްޓައިދިން ވަރުގަދަ ޢަޤީދާއަކީ މިއީ. މި ޢަޤީދާއިން އަހަރެމެން ފައި ކައްސާލައިފިނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ،” ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ލޮބުވެތި ވަތަން އިސްލާމްވުމަށް ފަހު މިހައި ހިސާބަށް އައިސްފައި މި އޮތީ، ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 100 ވަނަ އާޔަތާއި، އަލްފަތްޙު ސޫރަތުގެ 29 ވަނަ އާޔަތުން ދަލީލު ދައްކަވަމުން ޚުޠުބާގައި ވިދާޅުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ބޭކަލުންގެ މައްޗަށް ރުހިވޮޑިގެންވާކަމުގެ ޚަބަރު ދެއްވިއެވެ. އެހެންކަމުން، އެ ކަލާނގެ ރުހިވޮޑިގެންނެވި ބަޔަކަށް އަހަރެމެން ރުހޭން ޖެހޭނެއެވެ. އަދި އަހަރެމެން އެ ބޭކަލުން މަތިވެރިކޮށް އެ ބޭކަލުންނަށް ލޯބިކުރާން ޖެހޭނެއެވެ.
މުސްލިމް އަހުންނަށް އަންގަވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބައަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ.” މި ޙަދީޘްގައި “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީސްތަކުން” ކަމަށް އޮތް ބަސްފުޅުގެ މުރާދުކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެއީ ނަބިއްޔާ صلى الله عليه وسلم އަށް ބައްދަލުވެ އެ ކަލޭގެފާނަށް އީމާންވީ އެ ކަލޭގެފާނުގެ ޞަޙާބީންނެވެ.
ޚުޠުބާގައި އިމާމު އަބޫ ޒުރްޢާ ރަޙިމަހުﷲ ގެ ބަސްފުޅެއް ނަޤުލުކުރައްވާފައި ވެއެވެ. “މީހަކު ރަސޫލު ﷲ صلى الله عليه وسلم ގެ އަޞްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފި ނަމަ، ފަހެ ދަންނާށެވެ، ހަމަކަށަވަރުން އެއީ ޒިންދީގެކެވެ (އެބަހީ) ދީނެއް މިއްލަތެއް ނެތް، ދީން އޮޅުވައިލާ، ނުބައިވެގެންވާ މީހެކެވެ. އެހެނީ ހަމަކަށަވަރުން އަހަރެމެންގެ ގާތުގައި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ ޙައްޤު ރަސޫލާއެވެ. އަދި ޤުރުއާނަކީ ޙައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރުއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ، ރަސޫލު ﷲ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި ޤުރުއާނާއި ސުންނަތް ނެތިކޮށްލުމަށެވެ.”
މި ޚުޠުބާގެ މައިގަނޑު މަޤުޞަދަކީ ދިވެހި މުޖުތަމަޢުގައި އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ ބަލަހައްޓައި، ބައިބައިވުމާއި ފިތުނަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވުމެވެ. އަދި އިސްލާމީ ޝަޚްސިއްޔަތުތަކަށް އިޙުތިރާމުކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

