ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕު މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއަށް ރައްދުދެއްވައިފިއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެ މަނިކުފާނު ވެސް އައްބާސް އިޝާރާތް ކުރެއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވި ކަަމަށާއި އައްބާސް ދައްކަވަނީ “ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް” ކަމަށެވެ.
އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ 13 ނުވަތަ 14 މަޖިލިސް މެންބަރަކު ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް ރައްޔިތުންގެ ފަޅިއަށް އެރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އައްބާސްގެ އެ ވާހަކަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ރައްދުދެއްވައިފައެވެ.
ފަލާހު ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކޮށް އެފަދަ “ބުހުތާން ދޮގު ވާހަކަ” ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

