ޣައްޒާ އެއްކޮށް ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ނިންމުންނަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފު، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއަޅާ އަދި ސަރަހައްދީ ސަލާމަތަށް ނުރައްކާވާ ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ނަތަންޔާހޫ ބުނުމާއި ގުޅިގެނެވެ. މިކަމާ ގުޅިގެން ރައީސް މުޢިއްޒު އެކްސް ( ކުރީގެ ޓްވިޓަރ) ގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔަހޫދީން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމަށެވެ. އަދި އެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ޔަހޫދީން މިހާރު ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ހިތާމައެއް ލިބި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަޖެހުމަށް ހުރަސްއެޅޭ ނިންމުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްޠީނުގެ މުސްލިމުންނާއެކު ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސް އެޅި، ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީންކުރާ އެއްވެސް ޢަމަލެއް ބަލައި ނުގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީން ހިންގައި ޢަމަލުތައް ހުއްޓުވައި، ހިންގާފައިވާ ޖަރީމާތަކަށް ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރައީސްގެ އިތުރުން ޚާރިޖީ ވުޒާރާއިންވެސް ވަނީ ފަލަސްޠީނުގެ ޤަތުލުޢާންމު ފުޅާކުރުމަށް އަނިޔާވެރި ބޮޑުވަޒީރު ނިންމި ނިންމުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން އަބަދުވެސް، ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބުމަށާއި އެ މީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ގޮވާލާނެ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް އަބަދުވެސް ރާއްޖެއިން ގޮވާލާނެކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާގައި މިހާތަނަށް 61،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ 98 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުންވެސް ޣައްޒާގެ އެތައް ރައްޔިތުންތަކެއް ދަނީ މަރުވަމުންނެވެ.

