ޖިންސީގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހުކުމްކޮށްފައިވާ ސުންދަރަލިންގަމް ކޫޑަލިންގަމް ކިޔާ މީހާ އަކީ ދިވެއްސެއް ނޫން ކަމަށާއި، އެނަން ކިޔާ މީހަކަށް ދިވެހި ޕޯސްޕޯޓެއް ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށް ދާޚިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ ބުނެފިއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ދިވެއްސެއްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެފައެވެ.
ދާހިލީ ވުޒާރާއިން މިއަދު ބުނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، އެ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވާ ކަމަށާއި، އަދި މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައި ވެސް އެނަން ކިޔާ މީހަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
ދާޚިލީ ވުޒާރާ އިން ބުނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ “ސުންދަރލިންގަމް ކޫޑަލިންގަމް” އަކީ ދިވެހިރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށް ބުނެ، ބައެއް ނިއުސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދަނީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

