މާލޭ ޕޯޓަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. މިކަން ރިޝްވާން ހާމަކުރެއްވީ ނޯތު ހާބަރއަށް އެމްޕީއެލްއިން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، މާލޭގެ ވިޔަފާރި ބަނދަރުގައި ޕޯޓުގެ ޚިދުމަތްތައް ދިނުމަށް ބާރުބޮޑުވެ، ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. މިހާރު ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ބަހައްޓަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިއީ އެ މަސައްކަތަށް ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށްވުމާއެކު، ޕޯޓުގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.
މި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުން، ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭގޮތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ، މެނޭޖުކުރުމަށް ތިލަފުށީގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އަދި ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ ފަރާތުން ކުންފުނީގެ މުވައްޒަފުންނެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ހުސް ކޮންޓެއިނަރތައް ބަހައްޓާ ސަރަހައްދު އަވަހަށް ނިންމުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާކަމަށް ރިޝްވާން ވިދާޅުވިއެވެ.
“ހުސް ކޮންޓެއިނަރތައް ބެހެއްޓުމުގެ ސަބަބުން ޕޯޓުގެވެސް ވަރަށް ބޮޑު ޖާގައެެއް އެބަ ގެއްލޭ. އަޅުގަނޑުމެން ވަނީ އަންގާފައި މިހާރު އެތަން އަވަހަށް ނިންމުމަށް. އޭރުން އަންނަ މަހުގެ ނިޔަލަށް ހުސްކުރާ ކޮންޓެއިނަރތައް ތިލަފުއްޓައް ގެންދެވެން ފެށޭނެ،” ރިޝްވާން ވިދާޅުވިއެވެ.
މި މަސައްކަތް ނިމި، ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދެވުމާއެކު މާލޭ ޕޯޓުގެ ޖާގައިގެ ދަތިކަން ކުޑަވެ، މަސައްކަތުގެ މާޙައުލު ރަނގަޅުވެ، ޕޯޓުގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

