ގާނާގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެޤައުމުގެ ދިފާއީ ވަޒީރާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ އިތުރު އެހެން އޮފިޝަލުންތަކެއް އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ގާނާގެ ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު އާއި އެހެނިހެން އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އަވަހާރަވި ހިތާމަވެރި ޚަބަރު އެހީ ފުން ހިތާމައާއެކުގައިކަމަށް ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެފައިވެއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށާއި، އަދި އެބޭފުޅުންގެ އާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނާގައި މި އަހަރުގެ މި މަހުގެ 6ވަނަ ދުވަހު އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެޤައުމުގެ ދިފާޢީ ވަޒީރު، އެޑްވާޑް އޮމާނޭ ބުއާމާއާއި ތިމާވެއްޓާއި ސައިންސާއި ޓެކްނޮލޮޖީ ވަޒީރު، އިބްރާޙިމް މުރުތަޟާ މުޙައްމަދު ހިމެނޭގޮތަށް ސަރުކާރުގެ 5 އޮފިޝަލަކު އަވަހާރަވިއެވެ.
ދިފާޢީ ވަޒީރު ބުއާމާއަކީ މީގެ ކުރިން ގާނާގެ ކޮމިއުނިކޭޝަންސް ވަޒީރުގެ މަޤާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. ދިފާއީ ވަޒީރުގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގަތީ ރައީސް މަހާމާ އަލުން ވެރިކަމަށް ވަޑައިގަތުމުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

