ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ތަހުނިޔާ ފޮނުއްވަމުން، ސުލްހަމަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގެންފައިވެއެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފައިދާކުރަނިވި ގުޅުމަކަށް ބަދަލުވެގެން ގޮސްފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ. މި ތަހުނިޔާ ފޮނުއްވާފައިވަނީ ދާދި ފަހުން އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހުގައެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ތިން މުހިންމު ދާއިރާއަކުން އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ. އެއީ ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އަދި ތިމާވެށީގެ ދާއިރާއިންނެވެ. މީގެ އިތުރުން ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ބޭއްވި، 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ

