އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ އަވަށުން 19 ބިމެއް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފިއެވެ. މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ މަސައްކަތްތަކަށާއި، ކެފޭ ރެސްޓޯރެންޓް ހިންގުމަށާއި، ގާ އެޅުމުގެ މަސައްކަތަށާއި، ހެވީ އަދި ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށެވެ.
އޮގަސްޓް 9 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، މި ފުރުސަތު ހުޅުވާލާފައިވަނީ ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި އަދި ޕާޓްނަޝިޕްތަކަށެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ބޮޑުމިން ހުންނާނީ 1,500 އަކަފޫޓުން ފެށިގެން 6,493 އަކަފޫޓާ ހަމައަށެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު އޮގަސްޓް 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ވެވޭނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތާއި، ބީލަން އިވެލުއޭޓް ކުރާނެ ގޮތުގެ ތަފްސީލު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި އައްޑޫ ސިޓީ ކައުންސިލްގެ 6885003 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

