ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، މިސައިލު ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއް ރާއްޖެއަށް ގެނެސްފިއެވެ.
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ މި މަނަވަރަކީ ޓީސީޖީ ވޮލްކަން (ޕީ-343) މަރުކައިގެ މަނަވަރެކެވެ. މާލޭ ސަރަހައްދުގައި މިހާރު އޮތް މި މަނަވަރު އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.
ޖަރުމަނުގެ ލޫރްސެން ވެރްފްޓް ކުންފުނިން ފަރުމާކޮށްފައިވާ މި މަނަވަރަކީ ހާޕޫން އެންޓި-ޝިޕް މިސައިލް ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މިއީ ކުރިން ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގައި އެއްވަނަ ގިންތީގެ އުޅަނދެއްގެ ގޮތުގައި ބޭނުންކުރި މަނަވަރެކެވެ. މި މަނަވަރަކީ މަރާމާތުކޮށް، އަލުން ބޭނުންކުރެވޭ މިންވަރަށް ތަރައްގީކޮށްފައިވާ އުޅަނދެކެވެ.
މަނަވަރު ރާއްޖެއަށް ގެނެސްފައިވަނީ އެ މަނަވަރު އޮޕަރޭޓްކުރުމަށް ދިވެހި ސިފައިންނަށް ދޭންޖެހޭ ތަމްރީނުތައް ފުރިހަމަކުރުމަށްފަހުގައެވެ. އަދި ފާއިތުވި އަހަރު ޓެސްޓުތަކާއި ތަމްރީނުތަކަށް މި މަނަވަރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި މަނަވަރު ރާއްޖެއަށް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާއެކެވެ. މި އެއްބަސްވުންތަކުގެ ދަށުން ތުރުކީން ވަނީ ރާއްޖޭގެ އަސްކަރިއްޔާއަށް ޑްރޯނުތަކެއްވެސް ފޯރުކޮށްދީފައެވެ.

