މާލޭ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގައި، އެ ސަރަހައްދު ސާފުކޮށްފިއެވެ.
މި މަސައްކަތް ކުރެވިފައިވަނީ، މިދިޔަ މާރޗް 14 ވަނަ ދުވަހު ކާނިވާ ސްޓޭޖު އަލުން އެޅުމުގެ މަސައްކަތް ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށްފަހުގައެވެ. 4.8 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، މަސައްކަތް ފެށިފައެއް ނުވެއެވެ.
ކައުންސިލުން މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 2025 ވަނަ އަހަރުގެ މާރޗް 14 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ޖުމްލަ 140 ދުވަހެވެ.
އަލިމަސް ކާނިވާ ސަރަހައްދަކީ މީގެ 21 އަހަރު ކުރިން މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވުނު ކާނިވަލެކެވެ. ނަމަވެސް، އެކި ސަރުކާރުތަކުން މި ސަރަހައްދު ތަރައްގީ ކުރުމަށް އެކި ޕްލޭންތައް އެކުލަވާލި ނަމަވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
މި ސަރަހައްދު އަލުން ތަރައްގީކޮށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް ހެދުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމުގައިވާއިރު، މި މަސައްކަތް ލަސްވަމުންދާތީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

