އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ދޭ ސްކޮލަރޝިޕްތަކަށް އެދި 29 ފަރާތަކުން ވަނީ ކުރިމަތި ލައިފިއެވެ.
މިދިޔަ މެއި މަހު ހުޅުވާލި މި ފުރުސަތުގައި މަތީ ތައުލީމު ހާސިލު ކުރުމަށް ދޭ އާންމު ސްކޮލަރޝިޕަށް 18 ފަރާތަކުން ކުރިމަތި ލާފައިވާއިރު، ހާއްސަ ސްކޮލަރޝިޕަށް 11 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
ޒަކާތު ފަންޑުން މި އަހަރު ޖުމުލަ 50 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދޭ ފުރުސަތުތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދޭ ފުރުސަތުތަކެވެ.
ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދޭ ފުރުސަތުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމުގެ ފުރުސަތުތައް ހިމެނެއެވެ. މީގެ ތެރެއިން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.
މި ސްކޮލަރޝިޕްތަކަކީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން ކޮންމެ އަހަރަކުވެސް ހުޅުވާލާ ފުރުސަތުތަކެކެވެ. މި ފުރުސަތުތަކުގެ ސަބަބުން ގިނަ ދިވެހި ދަރިވަރުންނަށް އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

