މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން %99 އުޅަނދު ރަޖިސްޓަރީކޮށްފައިވާ ކަމަށް، މި ސަރަޙައްދު ބަލަހައްޓާ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ނޯތު ހާބަރުގައި އުޅަނދު އެޅޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފަައެވެ.
މާލޭގެ މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު މިހާރު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަކީ ކޮންމެ ވަގުތަކުވެސް ކުރެވޭނެ ކަމެއް ކަމަށެވެ. އެކަމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މަސްވެރި އުޅަނދުފަހަރަށް މައުލޫމާތުދިނުމަށް ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު އެމްޕީއެލުން އެތަނަށް ޒިޔާރަތްކުރާ ކަމަށްވެސް ހަމްދުﷲ ވިދާޅުވިއެވެ.
އެމްޕީއެލުން އަންނަނީ ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ރަޖިސްޓްރީކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދޭނެ ޚިދުމަތްތަކާއި، ރަޖިސްޓްރީކުރަން ބޭނުންވާނެ ލިޔެކިޔުންތައް ބުނެދިނުންފަދަ ކަންކަންވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަޖިސްޓްރީކުރުމަށް ބޭނުންވާ އުޅަނދުގެ ލިޔެކިޔުންތައް ވައިބަރ ނުވަތަ ވަޓްސްއެޕްކޮށްލުމުންވެސް ރަޖިސްޓްރީކުރުމުގެ ކަންކަން ކޮށްދޭނެ ކަމަށް ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.
“ރަޖިސްޓްރީކުރުމަކީ ވަކި މުއްދަތެއް އޮތް ކަމެއްނޫން. ކޮންމެ ދުވަހަކުވެސް ރަޖިސްޓްރީކުރުމުގެ ކަންތައްތައް ކުރިއަށްދާނެ. މިހާރު ޚިދުމަތް ހޯދަން ބޭނުންފުޅުވާ ހުރިހައި ފަރާތްތަކަށް ހުޅުވާލުމުގެ ސަބަބުން މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުގެ %99 ރަޖިސްޓްރީކޮށް ނިންމާފައި އޮތީ. ބައެއް އުޅަނދުގައި ބޭނުންވާ ލިޔެކިޔުން ހަމަނުވާތީ ރަޖިސްޓްރީނުވެ ހުރީ. އެބޭފުޅުން އެކަންކަން އެބަ ކުރިއަށްގެންދަވާ،” ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.
ހަމްދުﷲ ވިދާޅުވީ، އެމްޕީއެލުން ބޭނުންވަނީ ވިޔަފާރި އުސޫލުން ހިންގާ ބަނދަރެއްގެ ގޮތުގައި އެ ބަނދަރު ހިންގުމުގެ ބަދަލުގައި، ރައްޔިތުންނަށް ދޭ އާންމު ޚިދުމަތެއްގެ ގޮތުގައި އެތަން ހިންގުން ކަމަށެވެ. ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ޚިދުމަތް ދެވޭނެގޮތަކަށް އެކަން ބައްޓަން ކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް ހަމްދުﷲ ވިދާޅުވިއެވެ.

