ބ. އޭދަފުށީ ބަނދަރު ޑިޒައިންކޮށް ބިނާކުރުމުގެ މަޝްރޫޢު، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތަކާއި އިޤްތިޞާދީ ކުރިއެރުންތަކެއް ގެނެސްދިނުމުގެ މަގުމަތީގައި، ބޮޑު ކުރިއެރުމެއްގައި ކުރިއަށްދާ ކަމަށް މަސައްކަތާބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. 2023 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރި ފަހުން، މުހިންމު މަރުހަލާތަކެއް ނިމި، ބަނދަރުގެ މަސައްކަތް އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ވަނީ ފުރިހަމަވަމުންނެވެ.
މި މަޝްރޫޢުގެ ދަށުން، ބ. އޭދަފުށީ ބަނދަރު ހެދުމަށްޓަކައި ޖުމްލަ 31,658 ކިއުބިކް މީޓަރުގެ ސަރަޙައްދު (އެއީ 28,304 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން) ހިމެނެއެވެ. މީގެ އިތުރުން 170 މީޓަރުގެ ބޭރުތޮއްޓާއި، 383 މީޓަރުގެ ރިވެޓްމެންޓާއި، 402 މީޓަރުގެ އެއްގަމުތޮށި (ކުއޭ ވޯލް) ލުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއެކު، 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުންވެސް ހިމެނެއެވެ. ބަނދަރުގެ ސަރަޙައްދުގައި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތްތައްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މަސައްކަތުގެ ކުރިއެރުން
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 721 މީޓަރުގެ ގާ ތޮށި ލެވިފައިވެއެވެ. އަދި 234 މީޓަރުގެ ފަޅުތޮށި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ހަދާފައިވެއެވެ. ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ދަށުން 31,658 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރެވިފައިވާއިރު، ބަނދަރުގެ ސަރަޙައްދުގައި 1,814 އަކަ މީޓަރުގެ ބިމުގައި ހިނގާބިނގާވެ އުޅޭނެ ތަންތަން ވަނީ ހަދާފައެވެ. މީގެ އިތުރުން 18 މީޓަރުގެ ބްރިޖެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
އެމްޓީސީސީން ވިދާޅުވީ އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ދަށުން މިހާރު ކުރިއަށްދަނީ ކުއޭ ވޯލް ހެދުމުގެ މަސައްކަތް ކަމަށާއި، ކޮންކްރީޓް ބްލޮކްސް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

