އުނގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް ކުރިއަށްގެންދާނީ މަސައްކަތު ތަޖުރިބާއާއެކު ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވި ގޮތުގައި، މި ކޯހުގައި 4 މަސައްކަތު ބައްދަލުވުން ކުރިއަށްގެންދާނެއެވެ. މި ބައްދަލުވުންތަކުގައި ކްލާސް މެނޭޖްކުރާނެ ގޮތްތަކާއި، ޓީޗަރުން ވަކި ގްރޫޕްތައް ހަދައިގެން ކުދިން ކޭޓަރ ކުރާނެ ގޮތްތައް ހިމެނޭނެއެވެ.
“މި ތަޖުރިބާދޭއިރު އަޅުގަނޑުމެން ވަކިން ގެންނާނީ މިހާރު މި ކިޔަވައިދެއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ސްކޫލްތަކުގައި މިހާރު ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅުންގެ އެހީއާއެކުގަ އަޅުގަނޑުމެންގެ މި ވޯކްޝޮޕްތައް ކުރިއަށްގެންދާނީ،” ޑރ. ޝިނާ ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖު ގުޅިގެން ހިންގާ މި ކޯހުގެ ކިޔަވައިދިނުން އަންނަ މަހު ފަށާނެއެވެ. ކޯހުގައި ކިޔަވައިދޭނީ 8 މޮޑިއުލެވެ. އަދި ކިޔެވުން ކުރިއަށްދާނީ ހަފްތާ ބަންދަށް ޚާއްސަކޮށްގެންނެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯހަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 ވަނަ ދުވަހެވެ. އޮގަސްޓް އިންޓޭކުގައި ކްލާސްތައް ފެށިގެންދާނެކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

