ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސީދާ އައްޑޫއިން މަސް އެކްސްޕޯޓް ކުރެވޭގޮތް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މިއަދު ވަނީ ހާމަކޮށްފައެވެ.
މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވަލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ސަރުކާރާއި މިފްކޯގެ މުހިންމު އެއް އަޒުމު ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.
މިފްކޯގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން އައްޑޫގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު މަރާމާތާއި މެއިންޓެނަންސްގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުތަކާއި ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯއިން އިސްކަންދޭ ކަމަށް ބުނެފައިވެއެވެ.
މިފްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މަރާމާތުގެ މަސައްކަތްތަކަށް އިސްކަންދީފައިވާއިރު ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ޓަކައި މެނޭޖްމަންޓުން އެކި ދާއިރާތަކުން މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

