ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމްގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ލ. މާވަށުގައި ހިނގި މި ހިތާމަވެރި ހާދިސާގައި މޫސާ އިބްރާހީމް މަރާލީ އެ ރަށުގައި ދިރިއުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގި ދެބަސްވުމަކާ ގުޅިގެން މުހައްމަދު އިބްރާހީމް އަތުގައި އޮތް ވަޅިން މޫސާގެ ކަރަށް ހަމަލާދިން ކަމަށް ރަށުގެ މީހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން މޫސާ އިބްރާހީމް ގެންދިޔައިރު ވެސް ރަށުގެ ހެލްތު ސެންޓަރަށް އޮތީ މަރުވެފައި ކަމަށް އެ ތަނުން މައުލޫމާތު ދީފައިވެއެވެ. އަދި މި މަރުގެ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޮޓޮޕްސީ ހެދުމަށްފަހު މޫސާގެ ހަށިގަނޑު މިރޭ ވަނީ މާލެ ގެނެވިފައެވެ.
މި މަރުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މުހައްމަދު އިބްރާހީމް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. އަދި މިހާރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލްގެ ކަށު ނަމާދު ޕޭޖުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މޫސާ އިބްރާހީމްގެ ކަށު ނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

