މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން، 16 ދުވަހުގެ ޗުއްޓީއަކަށް ފަހު ފަށައިފިއެވެ.
މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޯމު ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ.
މިއަދު މިފެށުނު ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ މިއަހަރުގެ ޑިސެމްބަރުން 28 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 22 އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އަދި 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރަމުން އަންނަ އިރު، އޭގެ ތެރެއިން، 10،000 އެއްހާ ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ.

