ހުޅުމާލެގައި ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ކާރެއް ދުއްވައި ފުލުހުން ތިބި ސައިކަލެއްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހ. ފިލިމާގޭ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ޙަސަންއެވެ.
އައިކު އާއި އެކު ކާރުގައި އިން އަންހެނަކު ވެސް ރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ އަންހެންމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މި ހާދިސާގައި އަދި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންދިޔައެވެ. އަދި އަނިޔާވި ފުލުސް އޮފިސަރު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ލިބުނު އަނިޔާތަކަށް އިތުރު ފަރުވާދިނުމަށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.

