ބޭންކް ކާޑު ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފްކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ، އަންނަ އަހަރު އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އޭރުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް “ފަވަރަ” ގެ ތެރެއިންނެވެ. އެ ހިދުމަތާ އެކު، ފަސޭހައިން އަދި ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ނެޝަނަލް ކިއުއާރް ކޯޑާ އެކު ހުރިހާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. އޭރުން ބޭންކް ކާޑުތަކުން ފައިސާ ދައްކާއިރު މިހާރު ނަގާ ފީ ވެސް ނުނަގާނެ އެވެ.
އެފަދަ ކާޑުތަކަށް ވިޔަފާރިތަކުން މިހާރު 2.5 ޕަސެންޓުގެ ފީއެއް މީހާރު ދައްކައެވެ.
މި ހިދުމަތަށް ހާއްސަކޮށް، ރާއްޖޭގެ ބޭންކްތަކާ ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. މިކަމަށް އެމްއެމްއޭ އިން އަންނަނީ ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަސައްކަތްކުރަމުންނެވެ.
އެ ކުންފުނީގެ ބޭނުމަކީ، ޕޭމަންޓްތައް ހެދުމުގައި އާންމުންނަށް ލުއިފަސޭހަ އާ ޒަމާނީ ހިދުމަތްތައް ތައާރަފް ކުރުމެވެ. އެ ކުންފުނި މަސައްކަތްކުރާނީ ދުނިޔޭގެ އެހެން ނެޝަނަލް ޕޭމަންޓްތައް ހިންގުމަށް ހަދާފައިވާ ކުންފުނިތައް މަސައްކަތްކުރާ އުސޫލުންނެވެ. އެއާ އެކު އޯޕަން ބޭންކިން އާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެއެވެ.
ކިއުއާރް ކޯޑު ޕޭމަންޓް ނިޒާމަކީ، ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ހިދުމަތެވެ.
ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުންކުރާ މިންވަރު ދުނިޔޭގައި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު 2023 އިން 2030 އެ ދާއިރާ 17 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެއެވެ.
ދުނިޔޭގެ ކިއުއާރް ކޯޑު މާކެޓު ސައިޒުގެ އަގު މިހާރު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރަށް އަރައެވެ.

