ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފިއެވެ.
މޫސަގެ ޖަނާޒާ ބާއްވާފައި ވަނީ އިންޑިއާ އަށް ގެންގޮސް އޮޓޮޕްސީ ހެދުމަށް ފަހުގައެވެ. އޮޓޮޕްސީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މޫސައަށް ހަމަލާދީ މަރާލައިފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމެވެ. މުހައްމަދު އިބްރާހީމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

