މ. ކޮޅުފުއްޓާއި ފ. ބިލެތްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްތަކެއް ހިންގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ކޮޅުފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، އުނިމާގެ، އުމުރުން 30 އަހަރުގެ އަޙްމަދު ހުމައިދުއެވެ.
ފުލުހުން ބުނީ، އޭނަ ހައްޔަރުކޮށްފައިވަނީ ކޮޅުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
މިމަހު އަށް ވަނަ ދުވަހު ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ފ. ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ، ގުލޭނޫރަންމާގެ، އުމުރުން 43 އަހަރުގެ ދާޢޫދު ޢަބްދުއްސައްތާރެވެ.
ފުލުހުން މި މަހު ހަތްވަނަ ދުވަހު ބިލެތްދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ހުމައިދު 30 ދުވަހަށް އަދި ދާޢޫދު ޢަބްދުއްސައްތާރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

