މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ދަނބުމާ ފާއިޒު އޭނާގެ ދަރިންނަށް ހަދިޔާކުރެއްވި ރެސިޕީ ފޮތެއްގައި ހުރި އަތުލިޔުން، "ދަނބުމާ" ފޮންޓުގެ ގޮތުގައި މިއަދު ލޯންޗުކޮށްފިއެވެ. މި ފޮންޓު ލޯންޗު ކޮށްދެއްވީ ކުރީގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އެވެ.
ލޫޕްކްރާފްޓުގެ ފައުންޑްރީ "ރާއްޖެ ޓައިޕް" އިން ނެރުނު މި ފޮންޓަކީ، ހޮޓާ ހިންގުމާއި ކޭޓަރިންގެ ވިޔަފާރީގައި މަޝްހޫރުވި މުހައްމަދު ފާއިޒް (ދަނބުމާ ފާއިޒު) އޭނާގެ ދަރިންނަށް ލިޔުއްވައި ހަދިޔާކުރެއްވި ރެސިޕީ ފޮތެއްގައި ހުރި އަތުލިޔުން ނަކަލުކޮށްގެން ތައްޔާރުކޮށްފައިވާ ފޮންޓެކެވެ. މި ފޮންޓު ވަނީ ރެގިއުލާ އަދި ބޯލްޑް ވާޝަންގައި ނެރެފައެވެ.
ފޮންޓު ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ފާއިޒުގެ އާއިލާއިން ބުނެފައިވަނީ، ފާއިޒު ހަދިޔާކުރި ރެސިޕީ ފޮތުގައި ހުރި އަތުލިޔުމުގެ ރީތިކަމުން، އެ އަތުލިޔުމުގައި ފޮތް ނެރެން ބޭނުންވެގެން ކަމަށެވެ. ނަމަވެސް ފޮތް ކޮޕީ ހެއްދުމުގައި ދިމާވި ދަތިތަކާ ހެދި، އަތުލިޔުން ފޮންޓަކަށް ބަދަލުކުރުމުގެ ޚިޔާލު ލިބި، ލޫޕްކްރާފްޓާ އެކު އެ މަސައްކަތް ކުރަން ނިންމި ކަމަށެވެ.
ލޫޕްކްރާފްޓުގެ ސީއީއޯ މުހައްމަދު ޝަމްހީލު ވިދާޅުވެފައިވަނީ، ފޮންޓު ޑިވެލޮޕްކުރުމުގައި ފާއިޒުގެ އަތުލިޔުމުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެ ފޮތުގައި ހުރި އަތުލިޔުމާ ވީހާވެސް ގާތްކުރާނެ ގޮތަށް އަކުރުތައް ނަކަލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. "މި ފޮންޓު ޑިވެލޮޕްކުރަން، ރެސިޕީ ފޮތް ފުރަތަމަ ފެނުމުން ވެސް ފާއިޒު ލިޔުންތެރިކަމަށް ހުރި ޝައުގާއި ކެލިގްރަފީއަށް ހުރި ލޯބި ވަރަށް ބޮޑަށް ހާމަވި،" ޝަމްހީލު ވިދާޅުވިއެވެ.
ދަނބުމާ ފާއިޒަކީ ހޮބީއެއްގެ ގޮތުގައި އެކި ލިޔުންތައް ލިޔުނު ކެލިގްރަފަރެކެވެ.
މިހާރު "ދަނބުމާ" ފޮންޓު ޑައުންލޯޑްކުރެވެން ހުރުމާއެކު، މި ފޮންޓުގައި ފާއިޒުގެ ރެސިޕީ ފޮތް ނެރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ފާއިޒު ލިޔެފައިވާ އަރަބި ތާނަ ބައެއް ލިޔުންތައް މާލޭ އާޓްގެލެރީގައި މިރޭ 10 ޖަހަންދެން ކުރިއަށްދާ އެގްޒިބިޝަނުން ބަލާލެވޭނެ އެވެ.

