ކުވެއިތުގެ ވިޔަފާރިވެރިޔަކު ނ. މަނަދޫގައި ބިނާކުރެއްވި "ޚަލީފާ ތަލާލް އަލް ޖެރީ" މިސްކިތް އިއްޔެ ހުޅުވައިފި އެވެ. މި މިސްކިތް ހުޅުއްވައި ދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިސްކިތް ބިނާކޮށްދެއްވި ކުވެއިތުގެ ވިޔަފާރިވެރިޔާ އަލް ޖެރީ އެވެ.
ބަނދަރުމަތީގައި އިމާރާތްކޮށްފައިވާ މި މިސްކިތަކީ 114 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވުމަށް ފަހު މަނަދޫގެ ރައްޔިތުން ވަނީ އަލް ޖެރީއަށް ހާއްސަ ޖާފަތެއް ވެސް ދެއްވާފައެވެ.
މަނަދޫއަކީ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އަރައިފައިބާ ރަށަކަށް ވާތީ، ބަނދަރާ ކައިރީގައި މިސްކިތެއް ހުރުމަކީ ރައްޔިތުން ވަރަށް ކުރީއްސުރެ ވެސް ބޭނުން ވެފައިވާ ކަމެކެވެ.

ކުވައިތުގެ ވިޔަފާރިވެރިޔާ އަލް ޖެރީ ނ. މަނަދޫގައި ބިނާކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާ އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ކިޔަނީ.– ފޮޓޯ: މަނަދޫ ކައުންސިލް
މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މުއުމިނާ ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ. އަދި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވި ކަމަށްޓަކައި އަލް ޖެރީއަށާއި މިކަމުގައި މެދުވެރިވެދެއްވި ޑރ. އަބްދުﷲ ރަޝީދަށް ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

