ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގަމުންދާ ނެޝަނަލް ސެންޓަރ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން "މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ފަށައޮފައެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެއެއް ބިނާކުރުމުގެ ތަޞައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ޤާއިމުކުރުމާއި، ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީކުރުމާއި، އޭއައި ބޭނުންކޮށްގެން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުން، އަދި ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް އިތުރަށް ތަރައްޤީކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރާ ދާއިރާތަކަށް ޑޭޓާ އެނަލިޓިކްސް ބޭނުންކޮށްގެން އަމަލީ މަޢުލޫމާތު އުފެއްދުމަށްވެސް ވަނީ ރޭވިފައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި "މާސްޓަރކާޑާއި އެންސީއައިޓީއާ ގުޅިގެން ރާއްޖެއަށް ގެންނަ އިންޤިލާބީ ބަދަލުގައި ބައިވެރިވުމަކީ ފަޚުރުވެރިކަމެއް" ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން އިންކްލޫސިވް، ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމަޢުއެއް ބިނާކުރެވޭނެއެވެ.
އެންސީއައިޓީގެ ހެޑް ޑރ. މުޙައްމަދު ކިނާނަތު ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، ދެފުށްފެންނަ ނިޒާމެއް ޤާއިމުކޮށް، ހިންގުން ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް މިހާރުވެސް ދަނީ ގެނެވެމުންނެވެ. އަދި މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ ސަންދުން ހަޕުގޮޑާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވެދެވޭނެއެވެ.

