ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ރަށުގެ މަގުތައް ސާފުކޮށް ބެހެއްޓުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ބ. ފުޅަދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒު އެ ރަށަށް ވަޑައިގަންނަވާނީ މި އޮގަސްޓު މަހުގެ 12 ވާ އަންގާރަ ދުވަހުއެވެ. އަދި އެ ރޭ ރަށުގައި ހޭދަކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅާ ގުޅިގެން ކައުންސިލުން ވަނީ ރަށުގެ މަގުތަކުގައި ބަހައްޓާފައި ހުރި ބޭނުން ނުކުރާ ސާމާނު ނަގައި، ގޯތިތަކާއި މަގުތައް ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކޮށްފައެވެ.
“މިކަމަށް އެއްބާރުލުން ދެއްވައި އެހީތެރިވެލެއްވުމުގެ ގޮތުން ރަށުތެރެ ސާފުކޮށްދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެއް” ކަމަށް ކައުންސިލްގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

