މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް 34،573 ޓަނުގެ ކާގޯގެ މުޢާމަލާތް ހިންގައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ރާއްޖޭގެ އިޤްތިޞާދާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ހަލުވިކަމާއެކު ކުރިއަރަމުން އަންނަކަމުގެ ހެއްކެކެވެ.
މި މުއްދަތުގައި ހިންގި ކާގޯ މުޢާމަލާތްތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ އިމްޕޯޓް ކާގޯއެވެ. އެގޮތުން ޖުމްލަ 25،262 ޓަނުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް 2،432 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ސަރަޙައްދީ ކާގޯ ހަބަކަށް ހެދުމުގެ މަސައްކަތަށްވެސް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވެއެވެ. ޓްރާންޝިޕްމަންޓްގެ ގޮތުގައި 6،879 ޓަނުގެ މުދަލުގެ މުޢާމަލާތް ހިންގާފައިވާއިރު، މީގެ ތެރޭގައި “އެއަރ ޓު އެއަރ” ކާގޯގެ ގޮތުގައި 5،621 ޓަނާއި، “ސީ ޓު އެއަރ” ކާގޯގެ ގޮތުގައި 1،258 ޓަނު ހިމެނެއެވެ.
މި ކުރިއެރުމުގައި ޚާއްޞަ ކާގޯ ފްލައިޓްތަކުގެ ދައުރު ފާހަގަކޮށްލެވެއެވެ. އެފްކޮމް ކާގޯއިން 56 ދަތުރު، ފްލައި ވާޔޫއިން 9 ދަތުރު، އަދި ޤަތަރު ކާގޯއާއި އެމްޖެޓްސް ކާގޯއިން އެއް ދަތުރު ބާއްވާފައިވެއެވެ.
އެމްއޭސީއެލްގެ ފަރާތުން ކާގޯ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، އަލަށް ޤާއިމުކުރަމުންދާ ޒަމާނީ ކާގޯ ޓާމިނަލްގެ މަސައްކަތް ނިމުމުން، އަހަރަކު 120،000 ޓަނުގެ މުދާ އުފުލުމުގެ ޤާބިލުކަން ލިބި، ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

