ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް ގެނެވުނު އައު އިސްލާހާ އެކު، ކައިވެނި ކުރުމުގެ ހުއްދައަށް އެދޭއިރު ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށަހެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހެކެވެ.
މި އިސްލާހުގެ ދަށުން، ތެލެސީމިއާ ޓެސްޓްގެ ނަތީޖާއިން ދައްކާގޮތުން ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ ދެމަފިރިން، ކައިވެނި ކުރުމުގެ ކުރިން ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޚާއްޞަ ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމްވާނެއެވެ.
ރާއްޖޭގައި ތެލެސީމިއާ ބަލީގެ ހާލަތަށް ބަލާއިރު، މިއަހަރުގެ މެއި މަހާ ހަމައަށް 670 ކުދިންނާއި މީހުން ދަނީ ތެލެސީމިއާގެ ދަފްތަރުގައި ރަޖިސްޓްރީވެ، ޚިދުމަތް ހޯދަމުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއްގެ ދަށުން 10,000 އަށްވުރެ ގިނަ ކުދިން ސްކްރީން ކުރުމާއި، އާސަންދައިގެ ދަށުން މި ޚިދުމަތް ފޯރުކޮށްދޭން ފެށުން ހިމެނެއެވެ.
މީގެ އިތުރުން، ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށް ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމާއި، "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން 2024-2034" އެކުލަވާލުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުމާލޭގައި ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމަވާފައެވެ.
މިހާރުވެސް ކައިވެނީގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމަށް ބާރުއަޅާފައިވީ ނަމަވެސް، ހުރިހާ ރަށެއްގައި މި ޓެސްޓު ނުހެދޭތީ، ބައެއް ރަށްރަށުގައި އަންނަނީ ޓެސްޓުގެ ނަތީޖާއާ ނުލައި ކައިވެނިކޮށްދެމުންނެވެ. ނަމަވެސް އަލަށް ގެނެވުނު އިސްލާހާ އެކު، ކޮންމެ މީހަކުވެސް ކައިވެނީގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުން މަޖުބޫރުވާނެއެވެ.

