ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.
ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ރޭވިފައެވެ.
ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގަންޖެހުމާ ގުޅިގެންނެވެ. މި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރެވުނު ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވުނު ގުރުއަތުލުމުގައެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބޭ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންޖެހޭނެ ކަމަށް ވުޒާރާއިން ވަނީ އަންގަވާފައެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި، އެ ލިޔުން ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ހުށަހަޅަންޖެހޭނެއެވެ. މީގެއިތުރުން، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު ވެސް ގެންނަންޖެހެއެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އާބާދީއާ ބެހޭ ބައިގައެވެ. މި މަސައްކަތް ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ.

