ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަންފީޒު ކުރަމުންދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ސަރުކާރުން އެމްއޭސީއެލްގެ އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، “އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަނީ ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް” ކަމަށެވެ.
އެމްއޭސީއެލްގެ މައި އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން މި ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބް ހަވާލުކޮށްދެއްވިއެވެ.
މިއީ ރާއްޖޭގައި ގާއިމުކުރެވިފައިވާ އިނގިރޭސި ހައިކޮމިޝަނާއިއެކު މިއަހަރުގެ މެއި މަހުގައި ބޭއްވި ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް، ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ “ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރްޕީ)” ގެ ދަށުން ހިންގުނު ހަރަކާތެކެވެ.
އެކްޓިން ހައިކޮމިޝަނަރު ވައްހާބް ވިދާޅުވި ގޮތުގައި މި ތަކެތީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އިނގިރޭސި ފަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. އަދި މިއީ ދެ ފަރާތުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ މި ހަދިޔާއަށާއި، ހައިކޮމިޝަނުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކްޓިން ހައިކޮމިޝަނަރު ވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަ ކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ.

