އައްޑޫ ސިޓީ ހިތަދޫގައި މިރޭ 9:15 ހާއިރު ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތި ސައިކަލު ދުއްވި ކުއްޖަކު ފަހާ ފުލުހުން ދުއްވާފައި ދަނިކޮށް، އެ ސައިކަލު އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 21:17 ގައެވެ. އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖަކަށާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ވަނީ އަނިޔާވެފައެވެ.
އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް މިވަގުތު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ފާއިތުވި ދުވަސްތަކުގައިވެސް އައްޑޫ ސިޓީގައި ޒުވާނުން ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

