ހުޅުމާލޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ކާރެއް ދުއްވައި ފުލުހުންގެ ސައިކަލެއްގައި ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފިލިމާގެ، ކ. މާލެ، އައިކް ހައިޝަމް ހަސަން (18 އަހަރު) އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ފޭސް އެކަކާއި ފޭސް ދޭއްގައި ބާރު ސްޕީޑްގައި ދުއްވަމުން ގޮސްފައިވެއެވެ. މި ހާދިސާގައި ފުލުހުން އެ ކާރުގެ ފަހަތުން ދަނިކޮށް، ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވެއެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ، ފަރުވާ ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އަނިޔާވި ފުލުސް އޮފިސަރަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި ހާދިސާގައި ކާރުގައި އިން އަންހެނަކު ވެސް ހައްޔަރުކުރެވުނު ނަމަވެސް، އޭނާ ވަނީ ކުރިން ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

