ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް އިތުރު ހަތް އެއާލައިނެއް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ މިއަދު އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއާލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އިތުރު ހަތް އެއާލައިނެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލްއަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. މި ބައްދަލުވުމުގައި އެއާލައިންތަކަށް އާ ޓާމިނަލަށް ބަދަލުވުމުގެ ޕްރޮސެސްއާއި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.
އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ކުރިން ވިދާޅުވެފައިވަނީ އާ ޓާމިނަލް ހުޅުވާތާ ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި ބަދަލުކުރާނީ އެވްރެޖްކޮށް 200 ފަސިންޖަރުންނަށްވުރެ އިތުރުނުވާ އެއާލައިންތައް ކަމަށެވެ. އަދި ނެރޯ ބޮޑީގެ މަތިންދާ ބޯޓުތައް ބަދަލުކުރުމަށްފަހު ވައިޑް ބޮޑީގެ މަތިންދާ ބޯޓުތައް ވެސް އާ ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އާ ޓާމިނަލަށް މިހާރު މޯލްޑިވިއަން ބަދަލުކޮށްފައިވާއިރު، ދެން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ކަމަށް އެމްއޭސީއެލްއިން ކުރިން ހާމަކޮށްފައިވެއެވެ. މި އެއާލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވީއައިއޭގެ އާ ޓާމިނަލްގައި 48 ޗެކިން ކައުންޓަރު ހުރެއެވެ. މީގެ އިތުރުން ފުރާ ފަސިންޖަރުންނަށް 20 އިމިގްރޭޝަން ކައުންޓަރާއި، އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރު ޤާއިމުކުރެވިފައިވެއެވެ. އަދި ކަސްޓަމްސްގެ 6 ބެލްޓު ވެސް ޤާއިމުކުރެވިފައިވެއެވެ.

