ބ. ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
އެމަނިކުފާނު މި އޭޓީއެމް ހުޅުއްވައި ދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެންނެވުމަށްފަހުއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް ކަމަދޫގައި މި ޚިދުމަތް ޤާއިމްކޮށްފައިވާއިރު، އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޓީއެމް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެވުނެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މި ކާޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޙަސަން ޒަރީރެވެ.
ކަމަދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މިގޮތުން ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅާއި އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ މި ޚިދުމަތް ޤާއިމްކޮށްފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށްވުރެ ގިނަ އޭޓީއެމްއިން ޚިދުމަތް ދެމުންދާނެ ކަމަށް ވިދާޅުވެފައެވެ.

