ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާގުޅޭ ކަންކަން ކަނޑައަޅައި، ތަންފީޒުކޮށް، ހަރުދަނާކުރުމަށްޓަކައި ޒަކާތުގެ ޤާނޫނެއް އެކުލަވާލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ބިލެކެވެ.
މިއަދު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
ބިލުގައިވާ ގޮތުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޒަކާތު ކައުންސިލެއް އުފެދޭނެއެވެ.
މި ބިލުގެ ދަށުން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އައު އިދާރާއެއް އުފެދޭނެއެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތް ނެގުމާއި، ބެހުމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރު ބެލެހެއްޓުން ހިމެނެއެވެ. މީގެއިތުރުން، ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއް އުފެދި، ޒަކާތުގެ ނިޒާމު ހިންގުމާގުޅޭ ކަންކަމުގައި ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނެއެވެ.
ބިލުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވާ ޝަރުތުތަކާއި، ޒަކާތުގެ ނިސާބު ކަނޑައެޅުމާއި، ޒަކާތް ދައްކާ އަދި ލިބޭ ފަރާތްތަކުގެ ޝަރުތުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

